ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުން

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިންތިޒާމްކޮށްގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދެވޭ އެކި ޚަރަކާތްތަކުގެ ތެރެއިން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ 27 ސެޕްޓެމްބަރު ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިއުމުގެ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ ހުރިހާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއަރޕޯޓް ތަކާއި ގުޅިގެން ކުރިއަށް ގެންދެވުނު މިޕްރޮގްރާމްގައި ތަފާތު އެކި ސަޤާފީ ޚަރަކާތްތައް ދައްކާލެވުނެވެ. އަދި މަރުހަބާ ދެންނެވުމުގެ ބެނާރތައް ހަރުކުރުމުގެ އިތުރުން ވެލްކަމް ޑްރިންކެއްގެ ގޮތުން ބައެއް އެއަރޕޯޓްތަކުން ފަތުރުވެރިންނަށް ކުރުނބާ ހަދިޔާކޮށްފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން މިއަހަރަށް ކަނޑާއަޅާފައިވާ “ދެމެހެއްޓެނިވި ފަތުރުވެރިކަން – ތަރައްޤީއަށް ވަސީލަތެއް” މިޝިއާރުގެ ދަށުންނެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން މިމިނިސްޓްރީއިން ކުރިއަށް ގެންދެވޭ އެކިޚަރަކާތްތަކާއި ގުޅޭ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv ގައި ޝާޢިއުކުރެވެމުންދާނެއެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް