2017 ވަނަ އަހަރު ސެޕްޓެމްބަރމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %5.7 އިތުރުވެއްޖެ

2017 ވަނައަހަރުގެ ސެޕްޓެމްބަރުމަހު ޒިޔަރަތްކުރި 105،985 ފަތުރުވެރިން ނާއިއެކު، ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 998،010 އަށް ވަނީ އަރާފައެވެ. މިއީ އޭގެ ކުރީއަހަރު މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ 944،544 ފަތުރުވެރިންނާއި އަޅާބަލާއިރު %5.7 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ %45.4 ހިއްސާއާއި އެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. މިގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހު ނިޔަލަށް މިސަރަހައްދުން ރާއްޖެއަށް ޖުމްލަ 453،423 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 45.1 އިންސައްތައިގެ ހިއްސާއަކާއިއެކު ޔޫރަޕް ސަރަހައްދުގެ ޤައުމުތަކުގެ ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެއަށް 449،883 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ 2016 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %10.5 ގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެމެރިކާ ސަރަހައްދުން %4.4 ގެ ހިއްސާއަކާއި އެކު ޖުމްލަ 43،555 ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން %4.1 ހިއްސާއާއިއެކު ޖުމްލަ 40،454 ފަތުރުވެރިން ރާއްޖެއަށް ވަނީ މި މުއްދަތުގައި ޒިޔާރަތްކޮށްފައެވެ.

ވަކި މާރކެޓްތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 މާރކެޓަކީ، ޗައިނާ (%23.7)، ޖަރުމަންވިލާތް (%7.6)، އިންގިރޭސިވިލާތް (%7.6)، އިޓަލީވިލާތް (%6.2)، އިންޑިއާ (%5.6)، ރަޝިއާ (%4.3)، ފަރަންސޭސިވިލާތް (%3.0)، ޖަޕާން (%3.0)، ޔޫ.އެސް.އޭ (%2.7) އަދި ސުވިޒަރލޭންޑް(%2.2) އެވެ. މީގެތެރެއިން ރަޝިއާ، އިންޑިއާ، އިޓަލީވިލާތް، ޔޫ.އެސް.އޭ އަދި ކޮރެއާ ފަދަ މާރކެޓްތަކުން މިމުއްދަތުގައި ބޮޑެތި ކުރިއެރިން ހޯދާފައިވެއެވެ.
2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކުރެވިފައިވާ 39،985 އެނދުގެ ތެރެއިން އެވްރެޖްކޮށް 38،123 އެނދު ވަނީ އޮޕަރޭޓް ކުރެވިފައެވެ. އަދި މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން 6،193،128 ރޭ ހޭދަކޮށްފައިވާކަމަށް އަންދާޒާކުރެވެއެވެ. އެނދު ބޭނުންކުރެވިފައިވާ ނިސްބަތަކީ %59.7 އެވެ. އަދި މިމުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 6.2 ދުވަސް ހޭދަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް