ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަނގަ ކުރުން

 

27 ސެޕްޓެމްބަރ 2014 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަށް ވުމާއެކު، ރާއްޖޭގެ އިޤްތިސާދުގެ އެންމެބޮޑު އެއްސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތްކަމަށްވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިމަހުގެ 27 ވީ ހޮނިހިރު ދުވަހު،ފަތުރުވެރިކަމުގެ ވަޒީރު ޤައުމާއި މުޙާތަބް ދުވަހާއި ގުޅޭ ސަޕްލިމެންޓެއް ނެރެވުނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ފަތުރުވެރިކަމާއިބެހޭ ވަޒީރު އަދި މިސިނާއަތް  ތަމްސީލްކުރާ ޖަމާއަތްތަކުގެ  ޚިތާބްތައް މިސަޕްލިމަންޓުގައި ހިމެނިފައިވާނެއެވެ. އަދި ފަތުރުވެރިކަމުގެ ވަޒީރު ޤައުމާއި މުޙާތަބް ކުރައްވާ ދެއްވާ ޚިތާބް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ގެނެސްދެވުނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުޅި ދަތުރުގެ ތަޖުރިބާ ވަރަށްބޮޑަށް ބިނާވެގެންދަނީ ފަތުރުވެރިންނަށް އެއާޕޯޓްގައި ކުރެވޭ ތަޖުރިބާގެ މައްޗަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް  އަދި ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓްތަކާއި ގުޅިގެން ފަތުރުވެރިކަމުގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރީންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ސަޤާފީ ހަރަކާތްތަކެއްގެ އިތުރުން ރާއްޖޭގެ ޡަގާފަތާއި ފަތުރުވެރިކަން ރަމްޒުކޮށްދޭ ހަދިޔާ ދަބަހެއް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އެރުވުނެވެ. އަދި އެއާޕޯޓްގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދުވަސް ރަމްޒުކޮށްދޭ ބެނާ ތަކެއް ހަރުކުރެވިފައިވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ،  ޔުނައިޓެޑް ނޭޝަންސް ވާރލްޑް ޓޫރިޒަމް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ޝިޢާރަކީ “ފަތުރުވެރިކަމާއި މުޖްތަމަޢުގެ ތަރައްޤީ” އެވެ. މިޝިއާރާއި ގުޅުވައިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓެލެވިޜަން މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ގުޅިގެން 27 ސެޕްޓެމްބަރ އިން ފެށިގެން 3 އޮކްޓޯބަރުގެ ނިޔަލަށް ކުއިޒް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ މިޝިޢާރަށް ބިނާކޮށް ދިވެހިރާއްޖޭގެ އަޑާއި ގުޅިގެން ވަގުތުން “ޓޯކް ޝޯ” އެއްވެސް ކުރިއަށްގެންދިއަވެ.

މީގެ އިތުރުން ތިމާވެއްޓާއި ގުޅޭ ހަރަކާތްތަކެއްވެސް މިސިނާއަތުގައި މަސައްކަތްކުރާ އެކިފަރާތްތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިއައެވެ. މީގެ ތެރޭގައި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ، ކުރުމްބާ މޯލްޑިވްސް، ނަލަދޫ ރިސޯޓް، ޗާޔާ އައިލެންޑް ދޮންވެލި، ވިލުރީފް ބީޗް ރިސޯޓް އެންޑް ސްޕާ، ކުރެއްދޫ ރިސޯޓް އެންޑް ސްޕާ، ވައިސްރޯއި ވަގަރު މޯލްޑިވްސް އަދި ޓްރޭޑާރސް ހޮޓެލް ހިމެނެއެވެ.

ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހި ޒުވާނުން ތިމާވެއްޓާއި ރަޙުމަތްތެރި ދުއްވާ އުޅަނދުފަހަރު ބޭނުންކުރުމަށް  އަމާޒުކޮށްގެން، އެފަދަ އުޅަނދުފަހަރު އަމިއްލައަށާއި ފަތުރުވެރންގެ ދަތުރުފަތުރު ކުރުމުގެ ބޭނުންތަކަށް ޚިޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން 27 ސެޕްޓެމްބަރ 2014 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބައިސްކަލް ދުއްވާލުމެއް ބޭއްވުނެމެ.  މި ހަރަކާތަކީ، މިނިސްޓްރީ އޮފް ޓޫރިޒްމްގެ ދަށުން ހިންގާ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީއާއި ޔޫއެންޑީޕީ ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ “ޓޫރިޒަމް އެޑަޕްޓޭޝަން ޕްރޮޖެކްޓް” (ޓެޕް) ގެފަރާތުން އިންޒިތާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އަދި ފަތުރުވެރިކަމުގެ ސިނާޢަތުން މުޖްތަމަޢުއަށް ލިބޭ ތަރައްޤީ އާއި އަދި މުޖްތަމަޢުއިން ފަތުރުވެތިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އަދާކޮށްދޭ ދައުރާބެހޭގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ހިމަނައިގެން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދެވުނެވެ.

އަދި މިކަމާއި ގުޅޭ  އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓްwww.tourism.gov.mv ގައި ޝާޢިއުކުރެވެމުންދާނެއެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް