މިއަހަރުގެ މިހާތަނަށް އެއްމިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މިއަހަރަށް ކަނޑައެޅިފައިވާ އެއްމިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ވަނީ މިނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޙާސިލްކުރެވިފައެވެ. މިގޮތުން ނޮވެމްބަރުމަހުގެ 24 ވަނަދުވަހުގެ މެންދުރާއި ހަމަޔަށް ރާއްޖެއަށް ވަނީ 1،000،203 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

2013 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 925،413 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު، މިއީ 2012 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ 783،999 ފަތުރުވެރިންނަށްވުރެ %18.0 އިތުރު ޢަދަދެކެވެ. 2013 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 284،926 ފަތުރުވެރިންނާއިއެކު ޗައިނާ އިންނެވެ. މިއީ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރތްކުރި ފަތުރުވެރިންގެ %30.8 އެވެ. މީގެ އިތުރުން މިމުއްދަތުގައި ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ %8.3 އާއި އެކު ޖަރުމަންވިލާތް، %7.8 އާއިއެކު އިނގިރޭސިވިލާތް، %6.6 އާއިއެކު ރަޝިއާ އަދި %5 އާއިއެކު އިޓަލީވިލާތެވެ. މީގެ އިތުރުންވެސް ފަރަންސޭސިވިލާތާއި، ޖަޕާނާއި، އިންޑިއާ އާއި ސުވިޓްޒަލޭންޑް އަދި ކޮރެއާވެސް ވަނީ ރާއްޖެއަށް މިމުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ގޮތުގައި ހިމެނިފައެވެ. މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަނގަކޮށްލެވޭފަދަގޮތަކަށް ކުރިއަރަމުން އަންނަ މާރކެޓްތަކުގެ ތެރޭގައި ތުރުކީވިލާތާއި، އެމެރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކާއި އޮސްޓްރޭލިއާ ހިމެނެއެވެ. މީގެ އިތުރުން ޔޫކްރެއިން، ޑެންމާކް، ޕޯޗުގަލް އަދި ސްޕެއިން އާއި ޓައިވާން ފަދަ ޤައުމުތަކުންވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %1.2 ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިސަރަޙައްދުން ރާއްޖޭގެ ފަތުރުވެރިކަމުގައި ޙިއްސާކުރާ މިންވަރު %46.2 އަށް ދަށްވެ، އޭޝިއާ ސަރަޙައްދު ވަނީ %47.2 އާއި އެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ސަރަޙައްދުގެ ގޮތުގައި ހިމެނިފައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖޭގެ އޮކިއުޕެންސީ ރޭޓް %73.6 ގައި ހިފެހެއްޓިފައިވާއިރު މިމުއްދަތުގައި ފަތުރުވެރިންވަނީ ރާއްޖޭގައި އެވްރެޖްކޮށް 6.1 ދުވަސް ހޭދަކޮށްފައެވެ. މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖޭގައި އިތުރު ދެރިޒޯޓެއް ރެޖިސްޓްރީ ކުރެވިފައިވާ އިރު، މިމުއްދަތުގައި ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވަނީ ޖުމްލަ 29،198 އެނދެވެ. މީގެ ތެރެއިން އޮކްޓޯބަރުމަހުގެ ނިޔަލަށް އެވްރެޖްކޮށް 26،007 އެނދުވަނީ އޮޕަރޭޓްކުރެވިފައެވެ.

މިނިސްޓްރީ އޮފް ޓޫޫރިޒަމް