ބައިނަލްއަޤްވާމީ ގުޅުންތައް

shape
shape
shape
shape
shape
shape
image

ބައިނަލްއަޤްވާމީ ގުޅުންތައް

ޔޫ.އެން.ޑަބްލިއު.ޓީ.އޯ

ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އިން ދެކޭގޮތުގައި ޓޫރިޒަމަކީ އިގްތިޞާދީ މަންފާ ގެނުވާ، އޭގެ ސަބަބުން ހަމަހަމަކަމާއިއެކު ތަރައްޤީ ގެނުވާ، އަދި ތިމާވެށި ހިމާޔަތްކޮށް ބޭއްވުމަށް އެންމެ މުޙިއްމު އެއް ސިނާއަތެވެ. މި ޖަމިއްޔާ ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށްޓަކައި ޓޫރިޒަމާއި ގުޅޭ މަޢުލޫމާތު އިތުރުކޮއްދީ ޕޮލިސީތައް ހެދުމަށް ބޭނުންވާ ލީޑަރޝިޕް އާއި މަދަދު ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ޔޫ.އެން.ޑަބްލިއު.ޓީ.އޯ އަކީ ޓޫރިޒަމް ދާއިރާގެ މާކެޓް ނޮލެޖް އިތުރުކޮށް، ކޮމްޕެޓިޓިވް އަދި ސަސްޓެއިނަބަލް ޓޫރިޒަމް ޕޮލިސީތަކާއި ވަޞީލަތްތައް ތަރައްޤީކޮށް، ޓޫރިޒަމާއި ގުޅޭ ތަޢުލީމާއި ތަމްރީންތައް ކުރިއަރުވާ، ޓެކްނިކަލް އެސިސްޓެންސް ޕްރޮޖެކްޓް ތަކުގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ވަޞީލަތަކަށް ޓޫރިޒަމް ހެދުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި 159 ޤަޢުމެއް ވާއިރު، ޕްރައިވެޓް ސެކްޓަރ، ތަޢުލީމީ އިންސްޓިޓިއުޝަންތައް، ޓޫރިޒަމް އެސޯސިއޭޝަން ތަކާއި އަދި ލޯކަލް ޓޫރިޒަމް އޮތޯޜިޓީތައް ހިމެނޭހެން 6 އެސޯސިއޭޓް މެންބަރުންނާއި 500 އަށް ވުރެ ގިނަ އެފިލިއޭޓް މެންބަރުން ތިބެއެވެ.

1981 ވަނަ އަހަރުއެ ދިވެހިރާއްޖެއިން ޔޫ.އެން.ޑަބްލިއު.ޓީ.އޯ އާއި ގުޅުނު ފަހުން ވަރަށް ގާތް ގުޅުމެއް މި އޯގަނައިޒޭޝަނާއި އެކު ބާއްވަމުންދެއެވެ. ޚާއްސަކޮށް ޓޫރިޒަމް މިނިސްޓްރީ އިން ވަރަށް ގާތުން މަސައްކަތްތަކެއް މި އޯގަނައިޒޭޝަނާއި އެކު ކުރަމުން ދެއެވެ. މިގޮތުން ޓޫރިޒަމް މާސްޓަރ ޕްލޭން ތަކާއި ޕޮލިސީތައް ހެދުމަށް ޓެކްނިކަލް ލަފާ ހޯދުމުގެ އިތުރުން، ކޮންފަރެންސް ތަކާއި، ސެމިނަރ އަދި ވޯކްޝޮޕްތަކުގައިވެސް އެކުގައި ބައިވެރި ވެފައިވާނެއެވެ. ދިވެހިރާއްޖެއިން ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ދެކުނު އޭޝިޔާގެ ކޮމިޝަން ގެ ރިޔާސަތު މީގެ ކުރިން 1983 އިން 1987 އަށް، އަދި 1995 އިން 1997 އަށް ބަލަހައްޓަމުން ދިއުމުގެ އިތުރުން، މިއަހަރު 2020 އިން 2022 އަށްވެސް ރިޔާސަތު ބަލަހައްޓަމުން ދަނީ ރާއްޖެއިންނެވެ. މީގެ އިތުރުން މި ޖަމިއްޔާގެ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީގެ ރިޔާސަތުވެސް ބަލަހައްޓަމުން ދަނީ ރާއްޖެއިންނެވެ. މި ކޮމިޓީ އުފެދުނީ ގްލޯބަލް ޕެންޑެމިކް ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމަށް ދިމާވި ކަންކަމުން އަރައިގަތުމަށް ޓެކްނިކަލް އެސިސްޓެންސް ފޯރުކޮއްދޭ ކޮމިޓީއެއްގެ ގޮތުގައެވެ. މި ކޮމިޓީއިން ހުށަހަޅައިދިން "ޓެކްނިކަލް އެސިސްޓެންސް ރިކަވަރީ ޕެކޭޖް" ގެ ދަށުން އެކިއެކި ޕްރޮޖެކްޓް ތަކާއި އެސިސްޓެންސް ތަކުގެ އެހީގައި "ދިވެހިރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމުގެ ގައިޑްލައިން" އިފްތިތާހު ކުރެވި، ރާއްޖޭގެ ބޯޑަރު ޓޫރިޒަމަށް އަލުން ހުޅުވާލުމުގެ ފުރަތަމަ ފިޔަވަޅު ނެގުނެވެ.

ޕާޓާ

ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އަކީ އޭޝިޔާ ޕެސިފިކްގެ ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީ އަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގެ ފެސިލިޓޭޓަރ އެއްގެ ރޯލު ޢަދާކުރުމަށް އުފެދުނު މެމްބަރުންގެ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރުންނަށް އެޑްވޮކަސީ އާއި، މުޙިއްމު ރިސާރޗް ތަކާއި އުފެއްދުންތެރި ހަރަކާތްތައް ބާއްވައެވެ. މި ޖަމިއްޔާ އެކުލެވޭ ގޮތަށް ބަލާއިރު، 95 ޤަޢުމުގަ ސަރުކާރުތަކާއި، ސްޓޭޓް އަދި ސިޓީ ތަކުގެ ޓޫރިޒަމް ބޮޑީތަކާއި، 25 ބައިނަލްއަޤްވާމީ އެއަރލައިނާއި އެއަރޕޯޓާއި، 108 ހޮސްޕިޓަލިޓީ އޯގަނައިޒޭޝަނާއި، 72 ކިޔަވައިދޭ އިންސްޓިޓިއުޝަނާއި އަދި މީގެ އިތުރުން އެތައް ސަތޭކަ ޓްރެވަލް އިންޑަސްޓްރީގެ އަމިއްލަ ކުންފުނިތައް، އޭޝިޔާ ޕެސިފިކް ޤަޢުމުތަކުންނާއި އަދި އޭގެ ބޭރުންވެސް ހިމެނިގެންވެއެވެ.

ދިވެހިރާއްޖެއިން ޕާޓާގެ ޗާޕްޓަރއާއި ގުޅުނީ 7 ޖޫން 2000 ގައެވެ. ފާއިތުވި 20 އަހަރު ރާއްޖެއާއި ޕާޓާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދިޔައެވެ. މިގޮތުން މި ޖަމިއްޔާއިން ހިނގި އެތަކެއް އިވެންޓްގައި ރާއްޖެއިން ބައިވެރިވިއެވެ. މިއަދު ރާއްޖެއަކީ ޕާޓާގެ ބޯޑުގެ "ގަވަރމެނޓް އެންޑް ޑެސްޓިނޭޝަން ކޮމިޓީ" އަދި "ސަސްޓެއިނަބަލް އެންޑް ސޯޝަލް ރިސްޕޮންސިބިލިޓީ (އެސް.އެސް.އާރ)" ކޮމިޓީގެ މެމްބަރެކެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟