މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

ރިޒޯޓުތަކުގައި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިނިސްޓަރ އޮފް ޓޫރިޒަމް އިފްތިތާޙުކޮށްދެއްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން ރިޒޯޓުތަކުގައި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަދުވަނީ އިފްތިތާޙުކުރެވިފައެވެ. ޒޫމް މެދުވެރިކޮށް މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. ޢަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި މި ތަމްރީނު ޕްރޮގްރާމުގެ ޒަރީޢާއިން ކަމަށް ޤާބިލް އެކަށީގެންވާ އިމާމުން އުފެދިގެންދާނޭކަމަށާއި، ރިޒޯޓުތަކުގައި މުދިމުންނަށް ތިއްބެވި ހުރިހާ ބޭފުޅުންނަކީ އެއް ފެންވަރެއްގައި މަސައްކަތްކުރައްވާ ބޭފުޅުންކަމުގައި ވެގެންދާނޭކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ޝުކުރު އަދާކުރައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އިމާމުން އެންމެ މަތީ ފެންވަރަށް ތަމްރީނުކުރުމަކީ މިއަދުގެ ސަރުކާރުންވެފައިވާ ވަޢުދެއްކަމަށާއި މިހާރުވެސް އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނުކުރަމުންދާކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން މިނިސްޓަރ ޑރ. މަޢުސޫމްވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙުމަދު ޒާހިރު ޢަލީއާއި މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން އިމާމުންނަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނޭކަމަށާއި، ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި މިފަދަ ޕްރޮގްރާމް ހިންގުމަށް މަގުފަހިކޮށްދެއްވާފައިވާތީ އުފާކުރައްވާކަމުގައި މިނިސްޓަރ ވިދާޅުވެއެވެ. މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޓޫރިޒަމް ދާއިރާއަށް ކަނޑައަޅާފައިވާ ސިޔާސަތަކީ ދިވެހިން ތަމްރީނުކޮށް ދިވެހިންނަށް މަތީ މަޤާމުތަކާއި ރަނގަޅު އާމްދަނީ ލިބޭނޭގޮތް މަގުފަހިކޮށްދިނުންކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެދުމުގެ މަތީން 5 ހަފްތާގެ މުއްދަތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 85 ރިޒޯޓަކުން 169 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުގައި ބަންގިގޮވުމާއި، ޚުތުބާކިޔުމާއި، އިމާމުވެ ހުކުރުނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދުކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤުސަދުގައި ހިންގާ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. ހަނދާނީ ލިޔުން ހާޞިލުކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ރިޒޯޓެއްގައިވެސް މުދިމްކަންކުރުމާ ހުކުރު ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެއެވެ.

މިކޯހުގައި ކިޔަވައިދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޘުންނާއި، އެ މިނިސްޓްރީން ކަނޑައަޅާ ޢިލްމުވެރިންނެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟