ދިވެހިރާއްޖެއިން 2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ތާރީޚީ ކާމިޔާބީތަކެއް ހޯދައިފި
2024 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހު ޕޯޗުގަލްގެ މަދޭރާގައި ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާގައި ދިވެހިރާއްޖޭން ވަނީ ވިދިވިދިގެން ފަސްވަނަ އަހަރަށް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ މަޤާމު ހޯދުމާއެކު، "ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން" ގެ މަޤާމު ވެސް ހޯދާފައިވެއެވެ.
ދުނިޔޭގެ ފެންވަރުގައި ލިބުނު މި ބޮޑު ކާމިޔާބީން ހާމަވެގެންދަނީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރެއިން އެންމެ މަޤުބޫލު އަދި ފާހަގަކޮށްލެވޭ މަންޒިލުކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ފުރިހަމަކަމެވެ. މީގެ އިތުރުން، ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަންގެ މަޤާމު ހޯދުމަކީ ޤައުމަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. މި ކާމިޔާބީން ދައްކުވައިދެނީ ރާއްޖޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި، މި މަސައްކަތްތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަންދޫބެއްގެ ހައިސިއްޔަތުން މި އިނާމުތަކާ ހަވާލުވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މި ކާމިޔާބީތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ޑައިވް ސެންޓަރުތަކާއި އެއަރލައިންތަކާއި، ޓްރެވަލް އޭޖެންސީތަކާއި، ޓުއަރ ގައިޑުންނާއި، ދާއިރާގައި މަސައްކަތް ކުރާ އެންމެހައި މުވައްޒަފުން އަދި ޖުމުލަކޮށް މުޅި މުޖުތަމަޢުތައް ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި އިނާމުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ ކާމިޔާބީގެ ފަހަތުގައިވަނީ، އެންމެން ގުޅިގެން ކުރާ މަސައްކަތާއި، ދިވެހިރާއްޖޭން ފަތުރުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މަސައްކަތުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައްކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި އެވޯޑުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ވަކިވަކި ރިސޯޓުތަކަށްވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެކި ގިންތިތަކުން އިނާމު ލިބިފައިވެއެވެ. މީގެ ތެރޭގައި...
ރާއްޖޭން ވަނީ މި އަހަރުގެ ކުރީކޮޅު ދުބާއީގައި ބޭއްވުނު އަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) 2024 ގައި ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) ގައި ރަނގަޅު ނަތީޖާއެއްވެސް ހޯދާފައެވެ. އެ ސަރަޙައްދީ ޙަފްލާގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން"، "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން"، "އިންޑިއަން އޯޝަންސް ލީޑިންގ ގްރީން ޑެސްޓިނޭޝަން" އަދި "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން"ގެ އިނާމުތަކެވެ.